ހާލަންޑް 100 ގޯލު ހަމަކޮށްފި، ސިޓީއަށް މުހިއްމު މޮޅެއް
އައްޑޫ ލައިވް
3 ޑިސެމްބަރު 2025 | ބުދަ | 6:01
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އަތުން 5-4 އިން މޮޅުވެ މެންޗެސްޓާ ސިޓީން މުހިއްމު މޮޅެއް ހޯދައިފި އެވެ.
މި މޮޅާއެކު ސިޓީ ދެވަނައިގައި މިހާރު އޮތީ 14 މެޗުން 28 ޕޮއިންޓު ހޯދައިގެންނެވެ. އެއްވަނައިގައި 13 މެޗުން 30 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ. ލީގުގައި މިރޭ އާސެނަލުން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑްއާ ދެކޮޅަށް ނިކުންނާނެ އެވެ.
ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ތިން ގޯލު ޖެހި އެވެ. ސިޓީގެ ފުރަތަމަ ގޯލު މެޗުގެ 17 ވަނަ މިނެޓްގައި އެޓީމުގެ ފޯވާޑް އާލިން ހާލަންޑް ކާމިޔާބުކުރިއިރު، މިއީ އޭނާ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 100 ވަނަ ގޯލެވެ. ހާލަންޑަކީ ޕްރިމިއާ ލީގުގައި 100 ގޯލު އެންމެ އަވަހަށް ހަމަކުރި ކުޅުންތެރިޔާ އެވެ. އެ ރެކޯޑު މީގެކުރިން އޮތީ ނިއުކާސަލްގެ ލެޖެންޑް އެލެން ޝިއެރާގެ އަތުގަ އެވެ.