ރައީސުންނަށް ގަނޑުވަރު، ރައްޔިތުންގެ ހައްގުތައް ކޮބާ؟

އައްޑޫ ލައިވް

4 ޑިސެމްބަރު 2025 | ބުރާސްފަތި | 3:00

ދުޅަހެޔޮ ޑިމޮކްރަސީތަކުގައި، ވެރިކަން ކޮންޓްރޯލް ކުރެވެނީ ހަމައެކަނި އިންތިޚާބުތަކަކުން ނޫނެވެ. އަދި ކިއެއްތަ، އެކަން ކުރެވޭނީ ލީޑަރުންގެ މުދަލާއި، ނިންމުންތަކާއި، އުޅުއްވުމާ ގުޅޭ ގޮތުން ހަޤީޤީ ކަންބޮޑުވުންތައް ހުށަހެޅޭ ހިނދު، އެކަންކަމަށް ސުވާލުކުރުމުގެ ބާރު ލިބިފައިވާ ވަރުގަދަ މުއައްސަސާތަކަށެވެ.

ނަމަވެސް، ރާއްޖޭގައި މިފަދަ ކަންބޮޑުވުންތަކަކީ ވަރަށް އާންމު ކަންކަމެވެ. ރައީސުން އެބޭފުޅުންގެ ދައުރުގައި ނުވަތަ ދައުރު ނިމުމަށްފަހު ބޮޑެތި އަމިއްލަ ގަނޑުވަރުތައް ބިނާކުރައްވަ އެވެ. މިފަދަ މަޝްރޫޢުތަކަކީ މާލީ ގޮތުން ގިނަ ރައްޔިތުންނަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެން ނަމަވެސް، އެ ފައިސާގެ އަސްލު ތަހުގީގު ކުރާނެ ނިޒާމެއް މިހާ ހިސާބަށް ރާއްޖޭގައި ޤާއިމުވެފައެއް ނެތެވެ.

މިއީ ވަކި ރައީސަކާ ގުޅުން ހުރި މައްސަލައެއް ނޫނެވެ. މިއީ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ތަކުރާރުކޮށް ފެންނަ ފުޅާ ނާކާމިޔާބީއެކެވެ. ކުރީގެ ރައީސުން ކަމަށްވާ މައުމޫން ޤައްޔޫމާއި މުހައްމަދު ނަޝީދާއި ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކާއި އަބްދުﷲ ޔާމީން ނުވަތަ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވިޔަސް، ސިޔާސީ ލީޑަރުންގެ ދިރިއުޅުމުގެ ޚަރަދުތަކާއި އެބޭފުޅުން ޑިކްލިއަރުކުރައްވާ އާމްދަނީއާ ދެމެދު އެއްގޮތްކަމެއް ގެންގުޅެވޭކަން ކަށަވަރުކުރާނެ އިތުބާރު ހުރި ނިޒާމެއް ރާއްޖޭގައި ނެތެވެ. އަހަރުތަކެއް ވަންދެން މި ޤައުމު ހިންގާފައި ވަނީ ހަގީގަތް ބެލުމުގެ ބަދަލުގައި އިތުބާރުގެ މައްޗަށެވެ. މިއީ ޒުވާން ޑިމޮކްރަސީއަކަށް ވަރަށް ނުރައްކާތެރި އަސާސެކެވެ.

މައުޟޫޢުތަށް