ދީނީ ކަންކަމަށް ރައީސް އިސްކަން ދެއްވާތީ އުފާކުރަން ޖެހޭ
އައްޑޫ ލައިވް
6 ޑިސެމްބަރު 2025 | ހޮނިހިރު | 6:08
ރައީސް ޑރ. މުހައްމަދު މުއިއްޒު ދީނީ ކަންކަމަށް އިސްކަން ދެއްވުމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މީޑިއާ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހިންގެރާއްޖެއެއް އޭގެ ޒާތުގައި ބިނާކުރުމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ އަސާސީ މައިގަނޑު ކަންކަމުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ އިސްލާމްދީނާއި ގުޅުންހުރި ކަންކަމާއި ދީނީ ސިޔާސަތު ތަންފީޒުކުރުން ކަމަށެވެ.
"އަޅުގަނޑުމެން މިއަދު އުފާކުރަންޖެހޭ ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ދީނީ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާކަން. އޭގެތެރެއިން އެއް ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އިނާމު ދެވޭ މުބާރާތަކީ ކީރިތި ޤުރުއާންނާއި ބެހޭ މުބާރާތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން އެއީ ހަމަ ގައިމުވެސް ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ރައްޔިތުން އުފާކުރަންޖެހޭ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.