ރޯދަ؛ ބާރުގަދަ ބޭހަކަށް ވުރެ ފައިދާ ބޮޑު!
އައްޑޫ ލައިވް
13 ފެބްރުއަރީ 2026 | ހުކުރު | 6:45
ކީރިތިވަންތަ މާތް ރަސްކަލާނގެ އަޅަމެންނަށް ފަރުޟު ކުރައްވާފައިވާ ކޮންމެ ކަމަކީ ވެސް އެކަމެއްގައި ހިކުމަތުން ފުރިގެންވާ އަދި ދެ ދުނިޔޭގައި ވެސް އޭގެ ފައިދާއާއި މަންފާ އެކުލެވޭ ކަމެއް ކަމާ މެދު ކުޑަ ވެސް ޝައްކެތް އަދި ވަސްވާހެއް ވެސް ނެތެވެ. ހަމަކަށަވަރުން ރޯދަ އަކީ ވެސް މީގެ ލާމަސީލު މިސާލެކެވެ.
މިއަދު މި ދުނިޔޭގައި އަށް ބިލިއަނަށް ވުރެ ގިނަ އިންސާނުން ދިރިއުޅެމުން އެބަދެއެ ވެ. މީގެ ތެރެއިން އުމުރުން 110 އަހަރުން މަތީގެ މީހުންގެ ގޮތުގައި މުޅި ދުނިޔޭގައި ތިބި ކަމަށް ލަފާ ކުރެވެނީ އެންމެ 500 ވަރަކަށް މީހުންނެވެ. މި 500 އެއްހާ މީހުންގެ ތެރެއިން ކޮންމެ މީހަކު ވެސް އެމީހުންގެ އާންމު ދިރިއުޅުމުގައި ކޮށް އުޅޭ އެއް ކަމެއް އޮވެ އެވެ. އެއީ، ގަވައިދުން ރޯދަ ހިފުމެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ދުވާލުގެ ގިނަ ވަގުތު ނުކައި ތިބުމެވެ.
މީގެ ސާފު މިސާލެއް ދަންނަވަން ތޯ އެވެ؟ އެމެރިކާގެ އަވަށެއް ކަމުގައިވާ މޮންޓާނާގައި ދިރިއުޅުނު ވޯލްޓާ ބުރޫނިން އަކީ އޭނާގެ ދިރިއުޅުމުގެ ބޮޑުބައެއް ދުޅަހެޔޮ ސިއްހަތެއްގައި ހޭދަކޮށް 114 އަހަރު ދުނިޔޭގައި އުޅުނު މީހެކެވެ. އޭނަގެ ކެއުމުގެ ވައްޓަފާޅިއަށް ދިރާސާގެ ނަޒަރަކުން ބަލާއިރު އޭނަ އަކީ މަދުން ކައިބޮއި އުޅުނު މީހެއްކަން ފާހަގަކުރެވެ އެވެ. މިގޮތުން، އޭނާ ކައި އުޅުނީ ކޮންމެ ދުވަހަކު އެންމެ ދެ ފަހަރުއެވެ. އަދި ކޮންމެ ދުވަހެއްގެ 16 ގަޑިއިރު އޭނާ ހޭދަކުރީ އެއްވެސް އެއްޗެއް ނުކައި ހައިހޫނު ކަންމަތީގައި އެވެ.