"ދީނީ" މީހުން އެއްގަލަކަށް އަރާ މައްސަލައެއް!
އައްޑޫ ލައިވް
5 މާރިޗު 2026 | ބުރާސްފަތި | 9:22
އެމެރިކާގެ ޙައްދު ފަހަނައަޅާފައިވާ ޒަޔަނިސްޓު ސެނެޓަރު ލިންޑްސޭ ގްރަހަމް އިއްޔެ ބުނެފައިވެއެވެ؛ މި ހަނގުރާމައިން ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ، އިރާނުގެ ސަރުކާރު ވެއްޓުމެވެ. އަހަރެން މިއަދު ސަޢޫދީ އަރަބިއްޔާގެ ވެރިންނާއި ވާހަކަ ދެއްކީމެވެ. އީރާނުގެ ސަރުކާރު އިނދަޖެހުމާއެކު، ސަޢޫދީ ޢަރަބިއްޔާއާއި އިސްރާއީލާއި ގުޅުންތައް ބަދަހިކުރުމަށް (ނޯމަލައިޒް ކުރުމަށް) ބާރު ދުވެއްޔެއްގައި މަސައްކަތް ފެށޭނެ އެވެ.
ޔަހޫދީ އިޒްރޭލުގެ ވެރިޔާ ބެންޖަމިން ނަތަންޔާހޫ ވެސް ރޭގައި ބުނީ އޭނާ ސަޢޫދީ އަރަބިއްޔާއާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އީރާނުގެ ސަރުކާރު އިނދަޖެހޭނެއެވެ. އަދި އެކަން ވުމުން، ދުވަހަކުވެސް މީހަކު ތަޞައްވަރު ނުކުރާ ފަދަ ޞުލްހައިގެ ދޮރެއް ހުޅުވިގެންދާނެއެވެ.
މި ހަނގުރާމައިގައި އީރާނު ބަލިވުމަށް އެދި ފާޅުގައި އެދި އެޚިޔާލު ފާޅު ކުރާ މީހުން މި ދިވެހި ރާއްޖޭގައިވެސް (މަދުން) އެބަ ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްލާމް ދީނާއި ކަނޑައެޅިގެން ޢަދާވަތްތެރި "ލާދީނީ" ފިކުރުގެ މީހުންނާއި އަދި ވަކިކަހަލަ ފިކުރެއްގެ މަތީގައި ބަނދެވިފައި ތިބޭ "ދީނީ" މީހުންނެވެ. ކަޅާއި ހުދާއި ދޭތެރޭގައި އެކި މިންވަރުގެ އަޅި ކުލަވެސް ހުންނަ ކަން ނޭނގޭ މީހުންނެވެ. މި މަސްލައިގައި ޔަހޫދީންނާއި، ޒަޔަނިސްޓުންނާއި، ލާދީނީ ސެކިއުލަރިސްޓުންނާއި މި ބުނެވުނު ވައްތަރުގެ "ދީނީ" މީހުން ތިބީ އެއްގަލަކަށް އަރައެވެ. ލާދީނީ މީހުން ރުޅި އަންނަނީ އީރާނުގައި އިސްލާމީ ނިޒާމެއްގެ ވެރި ކަމެއް އޮންނާތީއެވެ.