ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން ނުފަށަނީ ބަދަލުތަކެއް ގެންނާތީ: އިހުސާން
އަދަދު
3 ޖޫން 2025 | އަންގާރަ | 12:02
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަރަދު ކޮށްގެން ތައްޔާރުކުރި އޮންލައިން އެކްސްޕެޓު ސިސްޓަމް ބޭނުން ކުރުން ހުއްޓާލައި، މެލޭޝިއާގެ ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން ފަށަން ތާވަލުކުރި މެއި މަހު އެ ކަން ނުފެށުނީ އެ ސިސްޓަމަށް ބައެއް ބަދަލުތައް ގެންނާތީ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމުން މެއި މަހު ހިދުމަތް ދޭން ފަށަން ސަރުކާރުން އަމާޒު ހިފި ނަމަވެސް، ހިދުމަތް ދޭން ނުފެށި ދިގުލައިގެންދަނީ ކީއްވެތޯ އަދަދު އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ލަސްތަކެއް ދިމާވެގެން އުޅެނީ ސިސްޓަމުން ދޭ ހިދުމަތް އަވަސްވާނެ ބަދަލުތަކެއް ގެންނާތީ ކަމަށެވެ.
"މެއި މަހު އަޅުގަނޑުމެންގެ ކުޑަކުޑަ ޑިވެލޮޕްމަންޓަލް ޑިލޭއެއް އުޅޭ. އަޅުގަނޑުމެންގެ މިހާރު މިއިނީތާ ދެމުންދާ ބައެއް ސާވިސްތަކާއި ފިންގާ ޕްރިންޓް މި ނެގީތާ މީހުންގެ. ނަގައިގެން ފެންނަ ބައެއް ކަހަލަ ކަންކަމަށް އެޑްރެސް ކުރެވޭ ގޮތަށް ބައެއް ކަހަލަ ޗޭންޖަސްތައް ގެންނަން އަޅުގަނޑުމެން ރިކުއެސްޓް ކޮށްގެން މިއުޅެނީ އެމީހުން ކައިރީގައި،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.