ފިޝަރީޒް މިނިސްޓްރީއަށް 2022 ވަނަ އަހަރުގެ ނިޔަލަށް 287 މިލިއަނަށް ރުފިޔާ ނުލިބި ހުރި: އޮޑިޓު
އަދަދު
3 ޖޫން 2025 | އަންގާރަ | 6:01
ފިޝަރީޒް މިނިސްޓްރީއަށް 2022 ވަނަ އަހަރުގެ ނިޔަލަށް 287،140،302ރ. ނުލިބު ހުރި ކަމަށް އެ މިނިސްޓްރީގެ 2012-2022 ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓު އޮފީހުން މިއަދު ނެރުނު ރިޕޯޓުގައިވާ ގޮތުން ލޯނު ސްކީމު ހިންގުމަށް 2006 އިން ފެށިގެން 2020 ވަނަ އަހަރާ ދެމެދު އެ މިނިސްޓްރީއަށް ވަނީ 228،704،325ރ. ދައުލަތުގެ ބަޖެޓުން ދޫކޮށްފަ އެވެ. އޭގެ ތެރެއިން މައިގަނޑު ގޮތެއްގައި ލޯނު ދޫކުރީ ބޭންކް އޮފް މޯލްޑިވްސް އަދި އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ.
ފިޝަރީޒް މިނިސްޓްރީއަށް ނުލިބި ހުރި ފައިސާގެ ތެރެއިން ބޮޑު ބަޔަކީ ލޯނު ދޫކުރުމަށް ފަހު އަނބުރާ ނުލިބި ހުރި ފައިސާ އެވެ. އޭގެ ތެރެއިން 172،350،415ރ. އަކީ ނުލިބޭތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފައިސާ އެވެ. އެއީ މިނިސްޓްރީއަށް ލިބެން ޖެހޭ ފައިސާގެ 82 ޕަސެންޓެވެ.