ރެޖިސްޓްރާގެ ނިންމުން ބާތިލުކޮށް ޝަމްއާންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
އަދަދު
4 ޖޫން 2025 | ބުދަ | 2:16
ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ކަނޑައަޅައި ހައި ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުން ބަދަލުކޮށް ޝަމްއާންގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.
އޭސީސީގެ ބައިވެރިވުމެއް ނެތި ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް ބެލޭނެ ކަމަށް ހައި ކޯޓުން ނިންމީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދު ކުރި އަމުރު ދަމަހައްޓަން ކުރި އަމުރުގަ އެވެ. ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ހައި ކޯޓުގެ އެ އަމުރެވެ.
މެއި 7، ގައި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ނިންމީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ހައިކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް އިސްތިއުނާފީ ނުކުތާތަކުގައި ބުނެދީފައި ނުވުމެވެ.