ލަންދޫ މާބަދިގެ ސައިޓު މިއުޒަމް އިމާރާތްކުރަން ދިން އެޑްވާންސް އަނބުރާ ދޭން ހުކުމްކޮށްފި
އަދަދު
11 ޖޫން 2025 | ބުދަ | 9:58
ނ. ލަންދޫ މާބަދިގެ ސައިޓު މިއުޒިއަމް ތަރައްގީ ކުރަން ހެރިޓޭޖު މިނިސްޓްރީން ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކިޔާ ކުންފުންޏަަކަށް އެޑްވާންސްގެ ގޮތުގައި ދިން ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި ހުކުމެއް އިއްވީ ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގެ ގައިރު ހާޒިރުގަ އެވެ. މި އަހަރުގެ ޖެނުއަރީ 25، ގައި ކޯޓުގައި ރަޖިސްޓްރީކުރި މި މައްސަަލައިގައި ލިޔެކިޔުންތަކާ ހަވާލުވުމަށް ފަހު ޖަވާބު ހުށަހަޅަން ދިން މުއްދަތުގައި އެ ކުންފުނިން އެއްވެސް ޖަވާބެއް ހުށަނާޅަ އެވެ.
ހެރިޓޭޖު މިނިސްޓްރީން ގެދޮރު ކޮންސްޓްރަކްޝަނާ ދެކޮޅަށް މައްސަލަ ހުށަހެޅީ މަސައްކަތް ފެއްޓުމަށް އެޑްވާންސް ފައިސާ ދިން ނަމަވެސް މާބަދިގެ ސައިޓު ތަރައްގީކުރުމުގެ މަސައްކަތް ނުފަށާތީ އެވެ.