ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލުމުން ހޯރަފުށި ކައުންސިލުން ފެނަކަ ގޮވައިގެން ޝަރީއަތަށް ދަނީ
އަދަދު
11 ޖޫން 2025 | ބުދަ | 6:20
ހޯރަފުށީގައި ގާއިމުކުރާ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ބްޓޮލިން ޕްލާންޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް އެތަނުގެ މަސައްކަތް އެއްކޮށް ހުއްޓާލައި އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމި މައްސަލައިގައި ޝަރީއަތަށް ދާން ނިންމާފައިވާ ކަމަށް ހޯރަފުށި ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފެނަކައިން އެ ނިންމުން ނިންމާފައި ވަނީ އެއްވެސް ވަރަކަށް އެ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.
"މި ޕްރޮޖެކްޓު ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށާއި ފެންވަރު ރަނގަޅުކޮށް އިތުރަށް ތަރައްގީ ކުރުމަށް ދެފަރާތުން އެއްބަސްވެވިފައިވާ ހިނދު މި ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި އެ ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓުމަކަށް ގެނައުމަށް ނިންމައި، އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުން މުރާޖާކޮށް އެ މުވައްޒަފުންގެ ވަޒީފާތައް އިއާދަ ކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އެމްޑީ އާއި ޑިރެކްޓަރުންނަށް ގޮވައިލަމެވެ،" އެ ބަޔާނުގައި ބުންޏެވެ.