ހުލާސާކޮށް އިއްޔެ: ތަހުގީގުގެ މައުލޫމާތު ދޭން ދެކޮޅު ހެދުން
އަދަދު
12 ޖޫން 2025 | ބުރާސްފަތި | 6:14
މިދިޔަ އަހަރުގެ ޑިސެމްބަރު، 12 ގައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވެ އަނދައި ހުލުވި ހާދިސާއާ ގުޅިގެން ފުލުހުން ކުރަން ފެށި ތަހުގީގުގެ އަދާހަމަ ހޯދުމަށް ތަކުރާރުކޮށް ފުލުހުންނާ ސުވާލު ކުރުމުން ވެސް ޖަވާބު ދޭން ދެކޮޅު ހަދައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ކުރާ ތަހުގީގާއި އެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ހޯދި ހޯދުންތަކާ ގުޅޭގޮތުން ފާއިތުވި މަސްދުވަސް ތެރޭގައި އަދަދު ގެ އެކި ނޫސްވެރިން ފުލުހުންނާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބު ދީފައެއް ނުވެ އެވެ. ކޮންމެފަހަރަކު ވެސް ފުލުހުންގެ މީޑިއާ ޓީމުން ދޭ ޖަވާބަކީ "އެކަމުގެ އަޕްޑޭޓެއް ބަލާލާނަން،" ކަމަށެވެ. އެއަށްފަހު އިތުރު ޖަވާބެއް ފުލުހުން ނުދެ އެވެ.
ތިން މިނިސްޓްރީ އަނދައި އަޅިއަށްވި ހާދިސާ ހިނގި ގޮތް ދެނެގަތުމަށް ފުލުހުން ތަހުގީގެއް ފެށީ އަލިފާން ރޯވި ދުވަހު އެވެ. އެ ތަހުގީގާ ގުޅިގެން ޑިސެމްބަރު 14، ގައި އޭރުގެ ޕޮލިސް ކޮމިޝަނަރު "އަދަދު" އަށް ވިދާޅުވެފައި ވަނީ އަލިފާން ރޯވާން މެދުވެރިވި ސަބަބު އެހައިތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.