އިރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިއާ ފެސިލިޓީތަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފި
އަދަދު
13 ޖޫން 2025 | ހުކުރު | 10:08
އިރާނުގެ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ފެސިލިޓީތައް ހިމެނޭހެން އަށް ސަރަހައްދަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއްދީ އެ ގައުމުގެ އަސްކަރިއްޔާގެ އިސް އެތައް އޮފިޝަލުންނަކާއި ނިއުކްލިއާ ސައިންޓުސްޓުން މަރާލައިފި އެވެ.
އިޒްރޭލުން ހަމަލާދިން ތަންތަނުގެ ތެރޭގައި އިރާނުގެ ވެރިރަށް، ތެހެރާނާއި އެ ގައުމުގެ އެންމެ ބޮޑު ޔުރޭނިއަމް ފައްކާކުރާ މައުކަޒާއި ތަބްރީޒްގައި ހުންނަ ނިއުކްލިއާ ރިސާޗު ސެންޓަރު ހިމެނެ އެވެ.
އިރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި އިރާނުގެ އާންމުންނާއި ސިފައިން ހިމެނޭހެން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. މިހައިތަނަށް މަރު ކަށަވަރުވެފައިވާ މީހުންގެ ތެރޭގައި އިރާން ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑާ އިން ޗީފް، ހޮސެއިން ސަލާމީ އާއި އިރާން އާމްޑް ފޯސެސްގެ ޗީފް އޮފް ސްޓާފް، މުހައްމަދު ބަޣޭރީގެ އިތުުރުން އެ ގައުމުގެ ނިއުކްލިއާ ސައިންޓިސްޓުން، މުހައްމަދު މެހްދީ ތެހްރާންޗީ އަދި ފެރޭދޫން އައްބާސީ ހިމެނެ އެވެ.