ފަސްއަހަރުގެ ދައުރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ގައުމު ތަރައްގީއެއް ނުކުރެވޭ: މުހައްމަދު އިސްމާއިލް
އަދަދު
16 ޖޫން 2025 | ހޯމަ | 10:36
ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ގައުމު ތަރައްގީ ނުކުރެވޭ ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ ފަސް އަހަރުގެ ދައުރެއްގެ ފުރަތަމަ ދޭއް ނުވަތަ ތިން އަހަރު މަސައްކަތް ކުރަންޖެހެނީ އޭގެ ކުރިން ވެރިކަން ކުރި ސަރުކާރުގެ ހަޑި ފިލުވަން ކަމަށެވެ. އެކަންކޮށް ނިމޭއިރު، ދެން ގައުމަށް ތަރައްގީއެއް ގެންނާން ކަމެއް ކުރާނެ ވަގުތު ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"2008 ގައި އަޅުގަނޑުމެންނަށް މި ލިބުނު ވެރިކަމުގެ [ނިޒާމުގެ] ތެރެއިން އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އައި އިރުގައި ހަގީގަތުގައި ރާއްޖޭގެ ރައްޔިތުން މިއަދު ވިސްނާ ފިކުރު ކުރަން އެބަޖެހޭ ފަސް އަހަރުގެ ދައުރެއް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެނެއް ގައުމެއް ތަރައްގީއެއް ނުކުރެވޭ،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.