އިންވޮއިސް ކުރާ ހިސާބުން ޖީއެސްޓީ ދައްކަންޖެހޭ މައްސަލައަށް ހައްލު ހޯދަން އެމްޑީޕީން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
އަދަދު
17 ޖޫން 2025 | އަންގާރަ | 9:04
ވިޔަފާރިތަކުން އިންވޮއިސް ކުރާ ހިސާބުން އެ ވިޔަފާރީގެ މުއާމަލާތަށް މުދަލާއި ހިދުމަތުގެ ޓެކްސް ނުވަތަ ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތަކަށް ދަތިވެ، ޝަކުވާތައް އިތުރުވަމުންދާތީ އެކަމަށް ހައްލެއް ހޯދައިދޭން އެދި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެ ގަރާރު މަޖިލީހުން ބޭރުކޮށްލީ 36 މެންބަރުންގެ ވޯޓުންނެވެ. އެ ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ މަޖިލީހުގެ 11 މެންބަރުންނެވެ.
މަޖިލީހުގައި ކެޔޮދޫ ދާއިރާ ތަމްސީލުކުރައްވާ މުހައްމަދު ނިއުޝާދު މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން ލިޔުއްވާފައި ވަނީ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތައް ހުއްޓި، އޭގެ ނުރަނގަޅު އަސަރު ވިޔަފާރިއަށް ކުރަމުންދާ ކަމަށެވެ.