ޔުމްނު ވެއްޓުނު ހާދިސާ: ރިޔާސީ ކޮމިޝަނުގެ މަސައްކަތް ނިންމައި ރައީސަށް ރިޕޯޓު ފޮނުވައިފި
އަދަދު
17 ޖޫން 2025 | އަންގާރަ | 12:18
މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނުގެ ރަޝީދުގެ މައްސަލައިގައި ހަގީގަތް ހޯދަން އެކުލަވައިލި ރިޔާސި ކޮމިޝަނުގެ މަސައްކަތް ނިންމާ ކޮމިޝަނުގެ ރިޕޯޓު ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ފޮނުވައިފި އެވެ.
ތަހުގީގު ނިންމާ ރިޕޯޓު ހުށަހެޅިކަން އެ ކޮމިޝަނުން ވަނީ އެކްސްގައި ޕޯސްޓުކޮށްފަ އެވެ. މިކަމާ ގުޅިގެން އަދަދު އާ ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ ރިޕޯޓު ހުށަހެޅުމަށްފަހު ކޮމިޝަނުން މިހާރު ކުރަނީ ޕޯޓަލް ބަންދުކޮށް ހުރިހާ ކަމެއް އެއްކޮށް ނިންމުމުގެ މަސައްކަތް ކަމަށެވެ. ރިޕޯޓު އާންމުކުރުމާ ދޭތެރޭ ގޮތެއް ނިންމާނީ ރައީސް މުއިއްޒު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެޔެއް [ރިޕޯޓު އާންމުކުރާނެ ކަން] އެނގޭނީ ރައީސުލްޖުމްހުރިއްޔާއަށްތާ. އޭނަ ވިދާޅުވެގެން އޭނާ ހެއްދެވި ކޮމިޝަނަކުން އޭނައަށް ލިބުނު ރިޕޯޓެއް. އޭނައައްތާ އިނގިވަޑައިގަންނަވާނީ ދެން ހައްދަވާނެ އެއްޗެއް،" ކުރީގެ ބަންޑާރަނައިބު ވިދާޅުވި އެވެ.