ދާއޫދު އިހުސާނަށް ގުޅައި މެސެޖު ކުރި، ތަހުގީގަށް ހެދީ ދޮގު
އަދަދު
17 ޖޫން 2025 | އަންގާރަ | 9:39
ޔުމްނު ވެއްޓުނު މައްސަލައިގައި ތުހުމަތު އަމާޒުވާ ރައުދު އަހުމަދު ޒިލާލްގެ ބޭބެ، ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރަށް ގުޅައި މެސެޖު ކުރި ނަމަވެސް، ކޮމިޝަނުގެ ތަހުގީގުގައި އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ ދޮގު ހަދާފައިވާކަން ޔުމްނު މައްސަލައިގައި އުފެއްދި ރިޔާސީ ކޮމިޝަނުން މިއަދު އާންމުކުރި ރިޕޯޓުން ހާމަވެއްޖެ އެވެ.
ހަމައެހެންމެ، މި މައްސަލައިގައި ޔުމްނު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު އެނގި ތިބެ އެކަން ކަމާބެހޭ ފަރާތްތަކަށް ދާއޫދު އަންގާފައި ނުވާކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެއީ ރައުދުއާ އެއްވަރަށް މިކަމުގައި ދައޫދު ވެސް އިހުމާލުވުން ކަމަށް ބަލައި އޭނާގެ މައްސަލަ އިދާރާތަކުން ތަހުގީގު ކުރުމަށް ވެސް ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ދާއޫދު ބަޔާން ދެމުން ބުނެފައި ވަނީ ޔުމްނުގެ މައްސަލައިގައި ސަރުކާރުގެ އެއްވެސް އިސްވެރިއަކަށް ގުޅާފައި ނުވާނެ ކަމަށެވެ. "މިކަމާއި ގުޅިގެން ސަރުކާރުގެ ސީނިއާ އެއްވެސް މީހަކަށް، ފުލުހަކަށް، އަދި ވަޒީރަކަށް ގުޅާފައި ނުވާނެ ކަމަށް ދާއޫދު އަހުމަދު ބުނެފައިވޭ."