ޑޮލަރު މާރުކުރަން ޖެހޭތީ ދަތިތައް ދިމާވެ ޓީއެމްއޭގެ މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން ނިންމައިފި
އަދަދު
18 ޖޫން 2025 | ބުދަ | 12:06
ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ލިބޭ އާމްދަނީގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ސަރުކާރުން މަޖުބޫރުކުރުމާ ގުޅިގެން ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ބޮޑުވެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންނަށް ޑޮލަރުން ދެމުން އައި މުސާރަ ރުފިޔާއިން ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް އަންގާފައިވާ ގޮތުން މި ހިނގާ ޖޫން މަހުން ފެށިގެން މުސާރަ ޖަމާކުރާނީ ބޭންކް ރޭޓުގައި ކުރިން ޑޮލަރުން ދެމުން އައި މުސާރައަށް ޖެހޭ ވަރުގެ ރުފިޔާ އެވެ. އެކަން އެ ކުންފުނީގެ ބައެއް މުވައްޒަފުން ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.
މިކަމާ ގުޅޭގޮތުން ޓީއެމްއޭ އިން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.