ގުނަވަން ބަދަލުކުރުމާ ގުޅޭ ގާނޫނުގެ ޑްރާފްޓު ނިންމައިފި
އަދަދު
19 ޖޫން 2025 | ބުރާސްފަތި | 10:23
ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓާއި އެހެނިހެން ގުނަވަންތައް ބަދަލު ކުރުމާ ގުޅޭ ގާނޫނުގެ ޑްރާފްޓް ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ ކުރިން ބައެއް އިތުރު މަޝްވަރާތައް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
ނާޒިމް އެސްއެސްޓީވީ ގެ ޕްރޮގްރާމެއްގައި ވިދާޅުވީ ގުނަވަން ބަދަލުކުރުމާއި ގުޅޭ ގާނޫނުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލީ ބޭރުގެމާހިރުންނާއި ރާއްޖޭގެ ސިއްހީ ދާއިރާގެ މީހުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށެވެ.
"ދުނިޔޭގެ އެކްސްޕާޓުންނާއި ދިވެހިރާއްޖޭގެ ހެލްތު ޕްރޮފެޝަނަލްސްގެ ލަފަޔާއި އިރުޝާދުގެ ދަށުން އެ ގާނޫނު މިހާރު އެކުލަވާލެވި ފުރަތަމަ ޑްރާފްޓް ތައްޔާރު ކުރެވި، ދެން އަދި އިތުރަށް މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާއި އަޅުގަނޑުމެން މިދަނީ މަޝްވަރާ ކުރަމުން. މަޝްވަރާތައް ނިމުމާއެކު އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް އެ ގާނޫނު ފޮނުވާނަން،" މިނިސްޓަރު ވިދާޅުވި އެވެ.