ހައްޖަށް މީހުން ގެންދިޔުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ޝަކީލުގެ މައްސަލައެއް އޭސީސީއަށް
އަދަދު
19 ޖޫން 2025 | ބުރާސްފަތި | 3:08
މި އަހަރުގެ ހައްޖުގެ އަޅުކަމަށް މީހުންގެ ގެންދިޔުމާއި ކުރިއަށް އޮތް އުމުރާ ދަތުރުގެ ތައްޔާރީތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތުކޮށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
މި މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ. އޭނާ ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުގައި ޝަކީލްގެ މަންމަ އާއި ބައްޕަގެ އިތުރުން އޭނާގެ ކޮއްކޮ ވެސް މި އަހަރު ހައްޖަށް ދިޔަ އެވެ. އަދި ސަރުކާރުގެ ހަރަދުގައި އެ ކުންފުނީގެ ވެރިންނާއި ބޯޑު މެންބަރުން ވެސް ކިއުގައި ނުޖެހި ހައްޖަށް ދިޔަ ކަމަށް އެ މައްސަލާގައި ބުނެފައި ވެ އެވެ.
ޝަކީލްގެ ކޮއްކޮ ދިޔައީ އެހީތެރިއެއްގެ ގޮތުގައި ކަމަށް މާޒް ސަލީމްގެ އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައި ވެ އެވެ. އެހީތެރިން ހޮވުމުގައި ވަކި ލިސްޓެއް ހަދައިގެން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރަކާތްތެރިންނަށް ފުރުސަތު ދީފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.