ފައިނޭންޝަލް ސެންޓަރު "ސްކޭމް" އާ ގުޅިގެން އޭސީސީގެ ބަހެއް ނެތް
އަދަދު
22 ޖޫން 2025 | އާދިއްތަ | 1:56
ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝެއިހު ނަޔެފް ބިން އީދް އަލް ތާނީގެ ކުންފުންޏެއް ކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން ހުޅުމާލޭގައި އަޅަން ނިންމި ފައިނޭންޝަލް ސެންޓަރާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާކަން ސާފުކޮށްދޭން އެ ކޮމިޝަނުން ދެކޮޅު ހަދައިފި އެވެ.
ހުޅުމާލޭގައި ޓޫރިޒަމަށް ހާއްސަކުރި "އާބަން އައިލް" ނުވަތަ ފޭސް ތުރީގައި ތަރައްގީކުރާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރާއި ގުޅިގެން އަދަދު އިން ތަކުރާރުކޮށް އޭސީސީއަށް ގުޅައި މެސެޖުކުރި ނަމަވެސް، މިހާތަނަށް ވެސް އެކަމާ ގުޅިގެން އެއްވެސް އެއްޗެއް އެ ކޮމިޝަނުން ނުބުނެ އެވެ.
ފައިނޭންޝަލް ސެންޓަރު އެޅުމަށް އެގްރީމަންޓުގައި ސޮއިކޮށް، ބިންގާ އެޅި ނަމަވެސް މިހާތަނަށް އެ ބިިމާ ހަވާލުވުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދެ އެވެ. މިކަމުގެ މައުލޫމާތު އެނގޭ ބައެއް މަސްދަރުތަކުން ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު ދިން ގޮތުގައި އެ ދުވަހުގެ ފަހުން މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.