އިތުރަށް ޕައިލެޓުން ބޭނުމެއް ނުވޭ، ޕައިލެޓުކަން ކިޔަވަން ސަރުކާރަކުން ދެން ލޯނެއް ނުދޭނެ: އަމީން
އަދަދު
22 ޖޫން 2025 | އާދިއްތަ | 3:14
އަލަށް ޕައިލެޓުކަން ކިޔަވައިގެން އަންނަ މީހުން ނުވަތަ ކެޑޭޓު ޕައިލެޓުން ރާއްޖެއަށް އިތުރަށް ބޭނުންނުވާ ކަމަށާއި މި ސަރުކާރުން ދެން ޕައިލެޓުކަން ކިޔެވުމަށް ސްޓޫޑެންޓް ލޯން ދޫނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ވަޒީފާ އުފެދޭ މިންވަރަށްވުރެ އެތައް ގުނައެއް ގިނައިން ޕައިލެޓުކަން ކިޔަވަމުންދާ ކަމަށާއި މިއީ ރާއްޖެއަށް އެކަނި ޖެހިފައި އޮތް މައްސަލައެއް ނޫން ކަމަށެވެ. މިކަން ހައްލުކުރަން ދިވެހި ރައްޔިތަކަށް މެނުވީ ކެޑޭޓު ޕައިލެޓުކަން ނުދޭން އެއާލައިންތަކަށް މިހާރު އަންގާފައިވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"ވަޒީފާ އުފެދޭ ވަރަކަށް ނޫނީ ވަޒީފާ ދެވެން އޮތް ވަރަކަށް އެއާލައިންތަކަށް ދެވޭނީ ދެއްތޯ. މިހާރު ވިސްނާ ވަޑައިގަންނަވާ އަޅުގަނޑު މި ދެންނެވި 500 އަށްވުރެ ގިނަ ކުދިންނަށް ސްކޮލަޝިޕް ދީގެން އެ ކުދިން ނިމިގެން އަންނައިރު އަހަރެއްގެ ތެރޭގަ 24 އަކަށް ކުދިންނަށް ނޫނީ 25 އަކަށް ކުދިންނަށް ވަޒީފާ ދެވޭ ކަމަށް ވަނީނަމަ ދެން މި އަންނަ ނުވަތަ އައިސްފަ ތިބި ކުދިންނަށް ވާނެ ގޮތް،" ގައުމީ އެއާލައިންގައި ކުރިން ޕައިލެޓުކަން ކުރެއްވި އަމީން ވިދާޅުވި އެވެ.