މެންބަރު ސިނާންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ބުދަ ދުވަހަށް ތާވަލުކޮށްފި
އަދަދު
23 ޖޫން 2025 | ހޯމަ | 5:22
ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.
އެޕްރީލް 15، ގައި ރަޖިސްޓްރީކުރި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ ޖޫން 25، ގެ ހެދުނު 10:15 އަށެވެ. މި މައްސަލައިގެ އަޑުއެހުންތައް ލަސްވެގެން ވަކީލުން އަދި މައްސަލަ ހުށަހެޅި ފަރާތުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ސިނާނުގެ ގޮނޑިއާމެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް ފެބްރުއަރީ 13، ގައި ޣާލިބު ސަލީމު ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ، އެހެން ބަޔަކާ ބައިވެރިވެގެން ސިނާނު ނަގާފައިވާ ލޯނެއް ނުދައްކައިގެން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ ކަމަށެވެ.