ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒު ކުރަން ދެ މިނިސްޓްރީއަކަށް އަންގައިފި
އަދަދު
24 ޖޫން 2025 | އަންގާރަ | 9:37
އޭޕްރިލް 18، ގައި ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަކުރި ކަންކަން ތަންފީޒު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އަންގަވައިފި އެވެ.
ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފުލުހުންނާ ގުޅޭގޮތުން ފާހަގަކުރި ކަންކަން ދެވަނަ ފަހަރަށް ތަކުރާރު ނުވެދިނުމަށް ރައީސް މުއިއްޒު ވަނީ ފުލުހުންގެ އެސްއޯޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށާއި، ޔުމްނު ވެއްޓުނު ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދުގައި އިސްލާހީ ފިޔަވަޅު އެޅުމަށެވެ.
މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލްގެ ބޭބެ ދާއޫދު އަހުމަދު ފުލުހުންނަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރި މައްސަލަ ވެސް ބެލުމަށް ރައީސް ވަނީ އަންގަވައިފަ އެވެ.