އިރާން/އިޒްރޭލު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި މާލީ ހާލަތަށް ކުރާނެ އަސަރު ވަޒަން ކުރަނީ
އަދަދު
24 ޖޫން 2025 | އަންގާރަ | 8:58
އިޒްރޭލާއި އިރާންއާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި މާލީ ހާލަތަށާއި ފުޑް ސެކިއުރިޓީއަށް ކުރާނެ އަސަރު ވަޒަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބައެއް ވަޒީރުން ބުނެފި އެވެ.
ހަނގުރާމަ ފެށުނީ ޖޫން 13، ގައި އިޒްރޭލުން އިރާނުގެ އަސްކަރީ މަރުކަޒުތަކަކަށް ހަމަލާ ދިނުމުންނެވެ. އޭގެ ފަހުން އެމެރިކާއިން ވެސް އިރާނަށް ހަމަލާ ދިނެވެ. އޭގެ ބަދަލުގައި އިރާނުން އަންނަނީ އިޒްރޭލަށް ހަމަލާ ދެމުންނެވެ. އަދި ރޭގެ ވަގުތެއްގައި ގަތަރުގައި ގާއިމްކޮށްފައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވެސް އިރާނުން ހަމަލާ ދިނެވެ.
ރޭގެ ހަމަލާއަށްފަހު ގަތަރާއި ޔޫއޭއީގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކުރި އެވެ. ގަތަރުގެ ދޯހާ އާއި ޔޫއޭއީގެ އަބޫ ދާބީ އަދި ޑުބާއީގެ ކަނެކްޓިން ފްލައިޓުތަކުން ރާއްޖެއަށް ވަރަށް ގިނަ ފަތުރުވެރިން އާދެ އެވެ. ނަމަވެސް ގަޑިއިރުތަކަކަށްފަހު އެ ދެ ގައުމުގެ ވައިގެ ސަރަހައްދު ވަނީ އަލުން ހުޅުވާލައިފަ އެވެ. އަދި ޔޫއޭއީއަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރާ އެއް ގައުމެވެ.