ޔޫމެޓަށް ބަދަލުގެ ގޮތުގައި 23 މިލިއަން ރުފިޔާ އިތުރަށް ދިން، އަނބުރާ ހޯދަން ޖެހޭ: އޮޑިޓު
އަދަދު
29 ޖޫން 2025 | އާދިއްތަ | 11:24
ޅ. ކުރެންދޫ ބަނދަރު ހެދުމުގެ އެއްބަސްވުން ބާތިލުކުރި މައްސަލައި ޔޫމެޓް ކޮންސްޓްރަކްޝަނަށް ކުރީ ސަރުކާރުން ބަދަލު ދިނީ، ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ކަމަށް ނިންމައި އެ ފައިސާ އަނބުރާ ހޯދަން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ލަފާދެއްވައިފި އެވެ.
ޔޫމެޓަށް ބަދަލު ދިން ސެޓްލްމަންޓް އެއްބަސްވުމާ ގުޅޭ ގޮތުން ހެދި ހާއްސަ އޮޑިޓުގައި ބުނެފައި ވަނީ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 26 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އެކަމަކު މިއީ ޔޫމެޓުން ކުރި މަސައްކަތާއި އެހާތަނަށް ދީފައި ހުރި ފައިސާއަށް ބަލާއިރު، ނުބައްދަލު ބަދަލެއް ކަމަށް އޮޑިޓު ރިޕޯޓުގައި ބުންޏެވެ.
ކުރެންދޫ ބަނދަރު ހެދުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކުރީ މި ކަހަލަ މަސައްކަތްތައް ކުރަން ހާއްސަކޮށްގެން އުފެއްދުމަށް ފަހު މިހާރު އުވާލާފައިވާ ވާކްސް ކޯޕަރޭޝަންއާ އެވެ. ވާކްސް ކޯޕަރޭޝަނުން މި މަސައްކަތް ޔޫމެޓް ކޮންސްޓްރަކްޝަނާ ހަވާލުކުރީ ޖޮއިންޓް ވެންޗާ (ޖޭވީ) އުސޫލުން 14.9 މިލިއަން ރުފިޔާއަށެވެ. އެ ފަހުން މަސައްކަތުގެ ސްކޯޕަށް ބައެއް ބަދަލުތައް ގެނެސް، އެންމެ ފަހުގެ އަގަކަށް އެއްބަސްވީ 21.1 މިލިއަން ރުފިޔާ އެވެ.