އޮޑިޓަރުން އިސްލާހުކުރަން ބުނި ކަންކަން ދަރަވަންދޫ ކައުންސިލަށް ނުވި، ދެ އަހަރު ވެސް އެއް މައްސަލަތަކެއް
އަދަދު
29 ޖޫން 2025 | އާދިއްތަ | 12:12
ބ. ދަރަވަންދޫ ކައުންސިލުގެ މާލީ ހިސާބުތައް އޮޑިޓު ކުރި އިރު، އޭގެ ކުރިން އަހަރުގެ އޮޑިޓުގައި އިސްލާހުކުރަން ލަފާ ދިން ކަންކަން އިސްލާހުނުކޮށް އެ މައްސަލަތައް ތަކުރާރުކޮށްފައިވާ ކަމަށް އޮޑިޓަރުން ބުނެފި އެވެ.
ދަރަވަންދޫ ކައުންސިލުގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި، މާލިއްޔަތު ގަވާއިދާ ހިލާފަށް ދަރަވަންދޫ ކައުންސިލުން ގިނަ ކަންކަން ކޮށްފައިވާ ކަމަށް ވެ އެވެ. އޭގެ ތެރޭގައި ރަނގަޅަށް ރެކޯޑުތައް ނުބެލެހެއްޓުމާއި ތިޖޫރީން ފައިސާ މަދުވުން ފަދަ ކަންކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
އޮޑިޓަރުން ބުނީ، ކައުންސިލުގެ ތިޖޫރީގައި ހުރި ފައިސާ ގުނިއިރު އޭގައި ހުންނަން ޖެހޭ އަދަދު ކަމަށް ހިސާބުތަކުން ދައްކާ އަދަދުތަކަށް ވުރެ ބައި ލައްކައާ ގާތްކުރާ އަދަދަކަށް ފައިސާ މަދެވެ. އަދި ތިޖޫރީގައި ބަހައްޓާ ފައިސާގެ ރެކޯޑުތައް ބަލަހައްޓަމުން އަންނަނީ އެކްސެލް ޝީޓެއްގަ އެވެ. މި ޝީޓުގައި ހުރި އަދަދުތަކަށް ބަދަލު ގެނެސްފައިވާ ކަަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.