އަދިވެސް ހިދުމަތް ދޭން ނުފަށާ ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑަށް ހަތަރު ޑިރެކްޓަރުން އައްޔަނު ކޮށްފި
އަދަދު
30 ޖޫން 2025 | ހޯމަ | 5:04
އުމްރާނީ ތަރައްގީއަށް ލޯނު ދޫކުރަން ހާއްސަކޮށް ހުޅުވި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ހިދުމަތް ނުފެށި ދިގުލައިގެން ގޮސް، އެ ބޭންކުގެ ބޯޑުން އިސްތިއުފާ ދިން ޑިރެކްޓަރުންގެ ބަދަލުގައި ހަތަރު ޑިރެކްޓަރުން އައްޔަނުކޮށްފި އެވެ.
ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އަމާޒުގައި މި ސަރުކާރުން އުފެއްދި ޑިވެލޮޕްމެންޓް ބޭންކު ހުޅުވީ މިދިޔަ ނޮވެމްބަރު 16، ގައި ރައީސް ޑރ، މުހައްމަދު މުއިއްޒު އެވެ. މި ސަރުކާރުގެ ފުރަތަމަ އެއް އަހަރުދުވަހުގެ ކާމިޔާބީތަކުގެ ތެރޭގައި ވެސް އެކަން ފާހަގަކުރި އެވެ.
ނަމަވެސް، މިހާތަނަށް އައިއިރު އެ ބޭންކުގެ ހިދުމަތް ފެށިފައި ނުވެ އެވެ. އަދި މުސާރަ ނުދޭތީ ޑިވެލޮޕްމެންޓު ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް، އެ އޮފީހަށް ސަރުކާރުން 6.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.