ޝިމަން އާއި މަހުޒޫމްއަށް ޖިނާއީ ދައުވާ ކުރުމުން ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަނީ
އަދަދު
4 ޖުލައި 2025 | ހުކުރު | 3:45
ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ކުރި ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އަބްދުالله މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުލަތުން ޖިނާއީ ދައުވާ އުފުލުމުން ގިނަ ބަޔަކު އެކަން ކުށްވެރިކޮށްފި އެވެ.
ޝިމަން އާއި މަހުޒޫމްއަށް ދައުވާ ކުރުން ކުށްވެރި ކުރައްވައި ސޯޝަލްމީޑިއާގައި ޕޯސްޓު ކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އާއި މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު، އިމްތިޔާަޒު ފަހުމީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޝިމަން އާއި މަހުޒޫމްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުން ކުށްވެރި ކުރައްވައި ސޯޝަލްމީޑިއާގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެ އުޅުމުގެ ހައްގާއި ހިޔާލުފާޅު ކުރުމުގެ ހައްގު ބޭނުން ކުރުމުގެ ސަބަބުން ޒުވާނުންތަކެއް ކުށުގެ އަދުލުގެ ނިޒާމުގެ ތެރެއަށް އެއްލައިލުމަކީ ހަޑި މުޑުދާރު އަމަލެއް ކަމަށެވެ.