ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ނަމަވެސް ރަސްމާލެ ޕްރޮޖެކްޓަށް ފައިސާ ދައްކަން ރައީސް އަންގަވައިފި
އަދަދު
6 ޖުލައި 2025 | އާދިއްތަ | 3:15
ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ނަމަވެސް ފުށިދިއްގަރު ފަޅު ހިއްކުމަށްޓަކައި ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓު ދައްކަން ރައީސް މުހައްމަދު މުއިއްޒު ފައިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޖުލައި 1، ގައި ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ދައުލަތުގެ ޔޫޒަބަލް ރިޒާވް ނުވަތަ އިންޑިއާއިން ހަމަޖައްސައިދީފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ބޭނުންކޮށްގެން ނަމަވެސް ފުށިދިއްގަރު ޕްރޮޖެކްޓުގެ އެޑްވާންސް ފައިސާ ދައްކަން ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
"ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ އެޑްވާންސް ޕޭމަންޓު ކޮންޓްރެކްޓަރަށް ދެއްކުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޔޫޒަބަލް ރިޒާވް ނުވަތަ އިންޑިއަން ކަރަންސީ ސްވޮޕް ފެސިލިޓީގެ ތެރެއިން އެންމެ އަވަހަށް ފައިސާ ހަމަޖެއްސޭ ގޮތެއްގެ މަތިން ކުރިއަށް ގެންދެވުން އެންމެ ރަނގަޅުކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،" ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ މުހައްމަދު ޝާހިދު ސޮއި ކުރައްވާ ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.