މިނިސްޓަރު ސެކްޝަނަކަށް ގޮސްފިނަމަ ކޮޅަށް ތެދުވެ, ހިނިތުންވުމާއެކު މުހާތަބުކުރަން އެޑިއުކޭޝަންގެ މުވައްޒަފުންނަށް އަންގައިފި
އަދަދު
6 ޖުލައި 2025 | އާދިއްތަ | 4:55
އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު ނުވަތަ މިނިސްޓަރު ފެންވަރުގެ ބޭފުޅަކު އެ މިނިސްޓްރީގެ ކޮންމެ ސެކްޝަނެއް ނުވަތަ ޑިޕާޓްމަންޓަކަށް އަދަބު އިހުތިރާމު އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވު ހިނިތުންވުމާއެކު މުހާތަބުކުރަން އެ މިނިސްޓްރީގެ މުވައްޒަފުންނަށް އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނަށް އެގޮތަށް އެންގީ އެ މިނިސްޓްރީގެ އެކި ޑިޕާޓުމެންޓުތަކަށް ފޮނުވި އީމެއިލްއަކުންނެވެ. އެ އީމެއިލް ފޮނުވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު، އުމްނިއްޔާ މުސްތަފާ އެވެ.
"މި ވުޒާރާގެ ވަޒީރު ނުވަތަ ވަޒީރުންގެ ފެންވަރުގެ ބޭފުޅަކު އެއްވެސް ކަމެއްގައި ތިޔަ ސެކްޝަން/ޑިވިޝަން/ޑިޕާޓުމެންޓަށް ވަޑައިގެންފިނަމަ ތަނުގައި ތިއްބަވާ މުވައްޒަފުން އެ ބޭފުޅަކަށް އަދަބު އިހުތިރާމު ކުރުމުގެ ގޮތުން ކޮޅަށް ތެދުވެ ހިނިތުންވުމާއެކު މުހާތަބު ކުރުމަށް ހުރިހާ މުވައްޒަފުންނަށް އަންގަވައިދެއްވުން އެދެމެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ އެކި ޑިޕާޓުމެންޓުތަކަށް ފޮނުވި އީމެއިލްގައި ބުނެފައިވެ އެވެ.