އެއާޕޯޓު ފޮތިފޮތިކޮށް ބޭރު މީހުންނަށް ދޭން އުޅޭ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

އަދަދު

7 ޖުލައި 2025 | ހޯމަ | 9:43

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބައިބައިކޮށް، ފޮތިފޮތިކޮށް ބޭރުގެ ފަރާތްތަކަށް ދީގެން، އެއާޕޯޓު ވިއްކާލަން އުޅޭ ކަމަށް ބުނެ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުން ނިންމައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގުމާއި ގްރަންޑު ހޭންޑްލިންގެ އެންމެހައި މަސައްކަތްތައް 25 އަހަރަށް ދުބާއީގެ ޖެޓެކްސް ކުންފުންޏަށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެ ވާހަކަތައް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވަނީ މިފަހުން ދޮގުކުރައްވާފަ އެވެ.

އެއާޕޯޓާ ގުޅޭ ކުއްލި މައްސަލައެއް މިއަދު އޮތް މަޖިލިސް ޖަލްސާއަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ. ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله މި މައްސަލަ ބަލައިނުގަތީ މަޖިލިސް ގަވާއިދުގައި ކުއްލި މައްސަލަތަކުގައި ހަމަވާން ޖެހޭ ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވެ އެވެ.

މައުޟޫޢުތަށް