ކަރެކްޝަނުގެ އޮތީ ސަރުކާރުން ބިލުތަކަށް ފައިސާ ނުދެއްކުމުގެ ޝަކުވާ, 30 މިލިއަން ރުފިޔާ ޕެންޑިންގައި
އަދަދު
8 ޖުލައި 2025 | އަންގާރަ | 1:04
ކަރެކްޝަންސްއިން ބަލަހައްޓަމުންދާ ޖަލުތަކުގައި ތިބޭ ގައިދީންނަށާއި އޮފިސަރުންނަށް ކާން ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަން ދިމާވާ އެންމެ ބޮޑު ދައްޗަކީ ފިނޭންސް މިނިސްޓްރީން ބިލުތަކަށް ފައިސާ ނުދިނުން ކަމަށް އެ އިދާރާގެ ވެރިން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، ކަރެކްޝަންސް މުވައްޒަފުންގެ ކޯޕަރޭޓިވް ސޮސައިޓީ، ޕްރިސްކޯއާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި މި ވާހަކަ ދެކެވުނީ، ގައިދީންނާއި އޮފިސަރުންނަށް ކާން ދިނުމުގެ ކަންކަމާ ޕްރިސްކޯއާ ހަވާލުކުރުމާ ގުޅިގެން ކުރެވުނު މަޝްވަރާތަކުގަ އެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވީ ޕްރިސްކޯގެ ވެރިންނެވެ.
ޕްރިސްކޯގެ އޮފިޝަލަކު ކޮމިޓީގައި ބުނީ، ޕްރިސްކޯއާ ކޭޓަރިން ކަންކަން ހަވާލުކުރަން ޖެހުނީ ޖަލުތަކުގައި ތިބޭ މީހުންނަށް ގަވާއިދުން ކާން ދިނުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ކަމަށެވެ. މިހެން ދިމާވާ މައިގަނޑު ސަބަބަކީ، އެ އޮފިޝަލް ބުނި ގޮތުން ނަމަ، ކޭޓަރިން ހަވާލުކުރާ ޕާޓީތަކަށް ފިނޭންސް މިނިސްޓްރީން ދޭން ޖެހޭ ފައިސާ ނުލިބި ލަސްވުމެވެ.