ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ރިޔާސީ ދައުރުގެ މެދު ތެރެއިން ވޯޓެއް ނަގަން ހުށަހަޅައިފި
އަދަދު
8 ޖުލައި 2025 | އަންގާރަ | 12:09
ރިޔާސީ ދައުރެއްގެ މެދުން ރައީސުލްޖުމްހޫރިއްޔާއަކާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ ވޯޓު ރައީސަކަށް ކާމިޔާބުނުވެއްޖެ ހާލަތެއްގައި ރިޔާސީ އިންތިހާބެއް ބޭއްވުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހަޅުއްވައިފި އެވެ.
ދައުރުގެ މެދު ތެރެއިން ވޯޓަކަށް ދާން އަމީން ހުށަހެޅުއްވީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ބަޔާންކޮށް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް މިއަދު ބޭއްވި ޖަލްސާގައި ބަހުސް ކުރަމުންނެވެ.
"ހިމަނަންވީ ދައުރުގެ މެދުން، މި އަންނަ ދައުރުން ފެށިގެން ދައުރުގެ މެދުން ރައްޔިތުން ކިހިނެއްތޯ ދެކެނީ ވެރިކަން ކުރާ ބޭފުޅާއާ ދެމެދު. ރަނގަޅަށްތޯ ކުރަނީ، ރައްޔިތުންގެ އިހުސާސް ދެނެގެންތޯ ކުރަނީ، ވައުދު ފުއްދާތޯ. ނުފުއްދާ ކަމަށްވާނަމަ ދައުރު މެދުން، ރައްޔިތުން ނުރުހޭ ކަމަށްވާނަމަ ދައުރު މެދުން ވިޔަސް އިންތިހާބެއް ބޭއްވޭނެ ގޮތަށް ބިލުގައި ހިމަނަންވީ ރައްޔިތުންނަށް ބާރު ދޭން،" އަމީން ވިދާޅުވި އެވެ.