ބިލު ހުށަހަޅަނީ ރައީސްގެ 'ލަފާފުޅާ އިރުޝާދުގެ ދަށުން' ކަމަށް މެންބަރުން ބުނާ ހިސާބުން ވެސް ޝައްކު އުފެދޭ: އަހުމަދު ދީދީ
އަދަދު
9 ޖުލައި 2025 | ބުދަ | 11:05
ރައްޔިތުންގެ މަޖިލީހަށް ޕީ.އެން.ސީ.ގެ މެންބަރުން ބިލު ހުށަހަޅާއިރު، އެ ބިލަކީ ރައީސްގެ ލަފާފުޅާ އިރުޝާދުގެ ދަށުން ހުށަހެޅި ބިލެއް ކަމަށް މެންބަރުން ވިދާޅުވާ ހިސާބުންވެސް ރައްޔިތުން ޝައްކުގެ ނަޒަރުން ބަލާކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އަހުމަދު ދީދީ މިހެން ވިދާޅުވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރައީސްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރާ ކަމެއް ނަމަ އެކަމުގައި އޮންނާނީ މަކަރާއި ހީލަތާއި ދޮގު ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
މެންބަރު ދީދީ ވިދާޅުވީ މި ބިލަކީ މުހިންމު ބިލެއް ނަމަވެސް، މިހާތަނަށްވެސް ސަރުކާރުން ކަންކަން ކުރަމުން ގެންދިޔައީ މި ބިލުގައި ހުށަހަޅާ ހިޔާލާ މުޅީން ދެކޮޅަށް ކަމަށެވެ. މިގޮތުން އައްޑޫ ހެރެތެރެ ޕްރޮޖެކްޓް ބަދަލުކުރުމުގެ ކުރިން އެއްވެސް ވަރަކަށް ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ ދީދީ ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.