އާރުޓީއައި ހުށަހެޅުމުން ވެސް ރައީސް އެންގެވި ގޮތަށް ސިޔާސީ މުވައްޒަފުންގެ އަދަދު ފިނޭންސް މިނިސްޓްރީން ހާމައެއްނުކުރި!
އަދަދު
9 ޖުލައި 2025 | ބުދަ | 1:04
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނޫސްވެރިންނަށް ލިޔުމަކުން ދިނުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް އަންގަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ މައުލޫމާތު ހާމަކުރަން ފިނޭންސް މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.
ދިވެހި ދައުލަތުގެ ބަޖެޓުން މުސާރަ ދޭ ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުގެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އަދަދު ނޫހުން ހުށަހެޅުމުން، ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރި އެވެ.
ނަމަވެސް މެއި 3، ގައި ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ނޫހުން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު އެއް ފަހަރު ވިދާޅުވީ ރައީސް އޮފީހުގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހަމަ އެ ރޭ ހާމަ ކުރައްވާނެ ކަމަށެވެ.