ހުކުމް ކުރި ދުވަހު އެމްޕީ ސިނާނަށް ހުކުމް ލިބުނު، އެކަމަކު ބުނީ އެ ދުވަހު ހުކުމް ނުކިޔާ ކަމަށް
އަދަދު
13 ޖުލައި 2025 | އާދިއްތަ | 2:35
ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގައި, އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓުން ހުކުމް ކުރި ދުވަހު ވައިބާގެ ޒަރިއްޔާއިން ސިނާނަށް ހުކުމް ލިބި، ހުކުމް ލިބުނު ކަން ޔަގީންކޮށްދިން ކަން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުން ހާމަވެއްޖެ އެވެ.
ސިނާނުގެ ގޮނޑި ގެއްލުނު ކަމަށް ބުނެ މައްސަލައެއް ހުށަހެޅީ، ސިނާން އާއި އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެއް ފެންމަތިވުމުންނެވެ. މި މައްސަލައިގައި ހިތަދޫ ކޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ހުކުމް ކުރީ ހަ މަހަށް ބަހާލައިގެން 2.5 މިލިއަން ރުފިޔާ ދެއްކުމަށެވެ.
މި މައްސަލައިގައި ފުރަތަމަ ބޭއްވި އަޑުއެހުމުގައި މެންބަރު ސިނާނު ވަނީ މި މައްސަލައިގައި ހުކުމް ކުރި ކަމާއި ތަންފީޒީ މައްސަލަ ހުށަހެޅިކަން ނޭނގޭ ކަމަށް ބުނެ ދިފާއު ނަންގަވާފަ އެވެ. މިއަދު ބޭއްވި އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ބަހުސްކުރެވުނީ ހުކުމް ކުރި ކަން ނޭނގޭ ކަމަށް ބުނާ ބުނުމާ ގުޅިގެންނެވެ.