ކުއްލިއަކަށް މޯލްޑިވްސް ގޭހުގެ އަގުބޮޑުކުރުމުން ކުޅުދުއްފުށި ރައްޔިތުން ކަންބޮޑުވެއްޖެ
އަދަދު
15 ޖުލައި 2025 | އަންގާރަ | 9:45
ކުޅުދުއްފުށި ސިޓީގައި މޯލްޑިވްސް ގޭހުގެ އެޖެންޓް، ސޭމް ގޭހުން ގޭހުގެ އަގުބޮޑުކޮށްލުމުން އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކުޅުދުއްފުށިން އަދަދު އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ސިޓީގައި ކުއްލިއަކަށް މިއަދުން ފެށިގެން ގޭހުގެ އަގު 275ރ. އިން 295ރ. އަށް ބޮޑުކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން ތަކެތީގެ އަގު މިހާ ބޮޑު ދުވަސްވަރެއްގައި ރައްޔިތުން އިތުރު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
"ކުއްލިއަކަށް މިއަދު ހެނދުނު މި އެނގުނީ އާންމުކޮށް ގޭގޭގައި ގެންގުޅޭ ގޭސްފުޅިއަކުން 20ރ. އަގުބޮޑުވިކަން. މިހާރު ވިއްކަނީ 295ރ. އަށް. ކުރީގައި ވިއްކީ 275ރ. އަށް. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ކުއްލިއަކަށް މިހެން ގޭސް ބޮޑުކޮށްލާފައި މޯލްޑިވްސް ގޭހުގެ ޑިސްޓްރިބިއުޓާ، މިކޮޅުގެ އެޖެންޓެއް ގޭސް މި ވިއްކަނީ،" އޭނާ ބުންޏެވެ.