ފްލެޓުތަކަށް ކުލި ނުދައްކާ މީހުން އެމްއެމްއޭގެ ކްރެޑިޓު ލިސްޓަށް ލަނީ، ލޯނު ނުލިބިދާނެ
އަދަދު
16 ޖުލައި 2025 | ބުދަ | 11:40
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފްލެޓުތަކަށް ކުލި ނުދައްކާ މީހުންގެ މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ކްރެޑިޓް އިންފޮމޭޝަން ބިއުރޯ (ސީއައިބީ) އާ ހިއްސާކުރަން ފަށާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
އެޗްޑީސީން މިކަމާ ގުޅޭ މައުލޫމާތެއް ނުދިން ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި މިއީ ކުލި ނުދައްކާ މީހުންނާ ދެކޮޅަށް އެ ކުންފުނިން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ކުރަމުން އަންނަ ކަމެކެވެ.
ކުލި ނުދައްކާ މީހުންނަށް ނޯޓިސް ދީ، އެހެން ފިޔަވަޅުތައް އަޅަން ފެށީ އެޗްޑީސީއަށް ނުލިބިވާ ކުލީގެ އަދަދު އިންތިހާއަށް ބޮޑު ވުމާ ގުޅިިގެންނެވެ. އެޗްޑީސީން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުގައި ސޯޝަލް ހައުސިން ޔުނިޓުތަކުން އެ ކުންފުންޏަށް ނުލިބިވާ ކުލީގެ އަދަދު 841 މިލިއަން ރުފިޔާ އަރަ އެވެ.