ޓީއެމްއޭ މުވައްޒަފުންގެ އިހުތިޖާޖަކީ ސަރުކާރުގެ ގޯސް ސިޔާސަތުތަކުގެ ނަތީޖާ، އަވަސް ހައްލެއް ހޯދައިދޭން ޖެހޭ: ފައްޔާޒު
އަދަދު
20 ޖުލައި 2025 | އާދިއްތަ | 4:12
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ޑޮލަރުގެ ތާށިކަން ބޮޑުވެ، ރުފިޔާއިން މުސާރަ ދޭން ނިންމުމާ ގުޅިގެން، ޕައިލެޓުން ހިމެނޭހެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރާ ހިސާބަށް ދިޔައީ ސަރުކާރުގެ ގޯސް ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވިދާޅުވެ އަވަސް ހައްލެއް ހޯދައިދިނުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފި އެވެ.
މި މަހުގެ މުސާރަ ދޭއިރު، ރުފިޔާއިން މުސާރަ ދީފި ނަމަ އިހުތިޖާޖު ކުރަން ޓީއެމްއޭގެ މުވައްޒަފުން ތައްޔާރު ކަމަށް ބައެއް މުވައްޒަފުން އަންނަނީ ބުނަމުންނެވެ. ޕައިލެޓުންނާއި މުވައްޒަފުންގެ ޑިމާންޑާ އެއްގޮތަށް ޓީއެމްއޭގެ މެނޭޖުމެންޓުން އަމަލު ނުކޮށްފި ނަމަ މި މަހުގެ 29 ގައި އުދުހުން ހުއްޓާލަން ތައްޔާރަށް އޮތް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެނައި ސިޔާސަތުތަކުގެ ސަބަބުން އިގުތިސޯދު ނުރައްކަލެއްގެ ތެރޭގައި އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.