ބޭހަށް ބޭރަށް ފުރާ މީހުންނަށް ދޭ ޑޮލަރު އިތުރުކުރަން ރައީސް ނިންމެވީ މަޝްވަރާނުކޮށް
އަދަދު
22 ޖުލައި 2025 | އަންގާރަ | 2:24
ޑޮލަރު ތާށިކަން އިންތިހާގައި އޮއްވާ، ޑޮލަރު ސަޕްލައިއަށް އިތުރަށް ވާން ކުރާ ގޮތަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުގެ އެހީގައި އާއި އަމިއްލަ ހަރަދުގައި ބޭސް ފަރުވާއަށް ފުރާ ދިވެހިންނަށް ދޫކުރާ ޑޮލަރު ލިމިޓު ބޮޑުކުރީ އެއްވެސް ބަޔަކާ މަޝްވަރާނުކޮށް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެހީގައި ބޭސް ފަރުވާއަށް ފުރާ ކޮންމެ ބަލި މީހަކަށް 2000 ޑޮލަރާ ހަމައަށް އަދި އަމިއްލަ ހަރަދުގައި ބޭސް ފަރުވާ ފުރާ ކޮންމެ ބަލި މީހަކަށް 1000 ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސައިދޭން ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.
ރައީސްގެ ޕޯސްޓުގައި މިކަން ހަމަޖައްސައިދޭން ކަމާބަހޭ ފަރާތްތަކަަށް އެންގެވި ކަމަށް ވިދާޅުވި ނަމަވެސް، ކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން އަދަދު އަށް ބުނީ، ބޭސް ފަރުވާއަށް ފުރާ މީހުންނަށް ވިއްކާ ޑޮލަރު ލިމިޓު އިތުރުކުރުމުގެ މަޝްވަރާއެއް ކުރިން އެއްވެސް ވަރަކަށް ނުކުރާ ކަމަށެވެ.