މިނިވަން 60 ގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ލިބޭ ޝަރަފެއް: މޯދީ
އަދަދު
23 ޖުލައި 2025 | ބުދަ | 3:32
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައި ބާއްވާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަ ކުރަން ބާއްވާ ރަސްމީ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. އެ ޖަލްސާއަށް ރާއްޖެ ވަޑައިގަންނަވާނެކަނަށް ރަސްމީކޮށް ސޯޝަލް މީޑިއާގައި މޯދީ ވެސް ވަނީ މިއަދު ހާމަކުރައްވާފަ އެވެ.
"މިއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ވެސް ފުރޭ އަހަރު. ރައީސް މުއިއްޒު އާއެކު ކުރެވޭ މަޝްވަރާތަކަކީ ދެ ގައުމުގެ ގުޅުން ތަފާތު ދާއިރާތަކުން ހަރަދުނާ ކުރެވޭނެ މަޝްވަރާތަކަކަށް ވެގެންދާނެ،" މޯދީ ވިދާޅުވި އެވެ.