ހުލާސާކޮށް އިއްޔެ: ވެރިކަން ހޯދަން މުއިއްޒު ހިންގި އިންޑިއާ އައުޓު ކެމްޕޭނަކީ ބޮޑު އޮޅުވައިލުމެއްކަން ހާމަވުން
އަދަދު
25 ޖުލައި 2025 | ހުކުރު | 6:19
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ދައުވަތު ދެއްވައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެ ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްޓަކައި އިންޑިއާ އާ ދެކޮޅަށް ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއްކަން އެމަނިކުފާނު ގަބޫލު ކުރެއްވި ވާހަކަ ކަމަށް އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު އިއްޔެ ވިދާޅުވި އެވެ.
އަދަދު އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިދިޔަ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ހަމަޖެއްސުމަށް މޯދީއަށް ދައުވަތު ދެއްވުމަކީ އިއްތިފާގެއް ނޫން ކަމަށެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހު އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރަށް އަޅުގަނޑުމެންގެ ރާއްޖޭގެ ރައީސް ޑރ. މުއިއްޒު ދައުވަތު އެ ދެއްވީ އިއްތިފާގަކުން ނޫން. އެ ދެއްވި ދައުވަތުން އެ ވިދާޅުވަނީ ރާއްޖޭގެ ރައްޔިތުންގެ ގާތުގައި ވިދާޅު އެ ވަނީ ތިމަންމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން އެ ދެއްކެވި ވާހަކަތަކާއި އުޅުއްވުނު ގޮތަކީ އެއީ ގޯސް ގޮތްތަކެކޭ، ގޯސް ވާހަކަތަކެކޭ،" ޝާހިދު ވިދާޅުވި އެވެ.