މޫސާ އިބްރާހިމް މަރާލަން ހަމަލާދިން މުހައްމަދު އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އަދަދު
29 ޖުލައި 2025 | އަންގާރަ | 3:28
ލ. މާވަށުގައި އިއްޔެ ހިންގި މާރާމާރީގައި ވަޅިން ހަމަލާދީ މޫސާ އިބްރާހިމް، 29، މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހދ. ނޮޅިވަރަމް، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ.
މޫސާއަށް ދިން ހަމަލާ އަމާޒުވީ އޭނާގެ ކަރަށް ކަމަށް އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ. އޭނާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން މޫދަށް ފީނައިގެން އިއްޔެ ވަނީ ހޯދައިފަ އެވެ.