މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ މައުލޫމާތު ހާމަކުރަނީ
އަދަދު
30 ޖުލައި 2025 | ބުދަ | 7:02
މާލޭ ސިޓީގެ މޭޔަރަކަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހުންނެވިއިރު މާލޭގެ މަގުތަކާއި ބިންތައް "ވިއްކާލާފައިވާ ކަމަށް" ތުހުމަތުތަކެއް ހުރިއިރު، އެ ގޮތަށް ދޫކޮށްފައިވާ ބިންތަކުގެ ފުރިހަމަ މައުލޫމާތު ހިމެނޭ ދަފުތަރެއް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އާންމު ކުރާނެ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ބިމުގެ ދަފުތަރެއް އެކުލަވާލެވިފައި ނެތް ކަމަށެވެ. ނަމަވެސް އެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭން ކުއްޔަށް ދޫކޮށްފައިވާ ހުރިހާ ބިމެއް، އެ ބިން ދޫކޮށްފައިވާ ފަރާތާއި ދޫކޮށްފައިވާ ބޭނުމާއި، ކުއްޔާއި މުއްދަތާއި ސީއެސްއާރު ހިމެނޭ ނަމަ އެ މައުލޫމާތު އަދި އެހެން މައުލޫމާތު ހިމަނައިގެން އާންމުކުރާނަން،" އާޒިމް ވިދާޅުވި އެވެ.