ސަރުކާރުގެ ބޭނުމަކީ ވަޒީރު ފައިބުޑަށް ކައުންސިލްތައް ގެންދިޔުން، އެކަމާ ދެކޮޅަށް ތެދުވާންޖެހޭ: ވާވު ރައީސް
އަދަދު
3 އޯގަސްޓު 2025 | އާދިއްތަ | 5:55
ވިޔަފާރި ކުރުމާއި ތަންތަން ކުއްޔަށް ދިނުމާއި މުވައްޒަފުން ނަގަން ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ހުށަހަޅާފައި އޮތް އިސްލާހުގެ ބޭނުމަކީ ވަޒީރު ފައިބުޑަށް ކައުންސިލުތައް ގެންދިޔުން ކަމަށާއި ކައުންސިލުތަކުން އެކަމާ ދެކޮޅު ހަދަންޖެހޭ ކަމަށް ވ. އަތޮޅު ކައުންސިލުގެ ރައީސް ސުޖާއު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގެ ފުރަތަމަ ކިޔުން މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. އެ ބިލުގައި ވަނީ ކައުންސިލުތަކަށް ލިބޭ ބާރުތައް ވަރަށް ބޮޑަށް ހަނި ކުރަން ހުށަހަޅައިފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުޖާއު ވިދާޅުވީ، ލާމަަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ބޭނުމަކީ މާލީ މިނިވަން މައި ސަރުކާރުގެ ދަށަށް ގެންދިޔުން ކަމަށެވެ.