ހިސާބު ޖަހައިފިން، ކައުންސިލް އިންތިހާބު ބޮޑުކޮށް ކާމިޔާބުކުރާނީ ޕީއެންސީ: ޝުޖާއު
އަދަދު
4 އޯގަސްޓު 2025 | ހޯމަ | 1:12
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ހިސާބު ޖެހިއިރު އެ އިންތިހާބު ބޮޑުކޮށް ކާމިޔާބުކުރާނީ ވެރިކަން ކުރާ ޕީއެންސީން ކަމަށް ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ މުހިއްމު މަސައްކަތްތައް ކުރިއަށް ނުގެންދަވޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް އެނގިވަޑައިގަންނަވާ ފަދައިން މާ ކުރިން ވެސް ޖަހާފައި އޮތް ހިސާބާ އެއްގޮތަށް ކައުންސިލް އިންތިހާބު ބޮޑުކޮށް ނަގާނީ ޕީއެންސީން ކަމަށެވެ.
"ޕީއެންސީން ﷲ ގެ ހެޔޮ ރަހްމަތުން ދިވެހިރާއްޖޭގެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑުކޮށް ނަގާނަން އަޅުގަނޑުމެން. ކާމިޔާބު ކުރާނަން އިއްޒަތްތެރި ރައީސް. މިއީ އަޅުގަނޑުމެން ހިސާބު ޖަހާފައި އޮތް ކަމެއް. އިއްޒަތްތެރި ރައީސަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މަނިކުފާނުގެ ހިސާބު ބަރާބަރަށް ދިމާވާނެ،" އޭނާ ވިދާޅުވި އެވެ.