ކައުންސިލްތަކުގެ ބާރު އަތުލުމުގެ ބިލާ ދެކޮޅު އަޑުތައް ގަދަވަނީ
އަދަދު
5 އޯގަސްޓު 2025 | އަންގާރަ | 8:00
ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނެގުމަށް ކައުންސިލުތަކަށް އޮތް ބާރު ހަނިކޮށް، ލާމަރުކަޒީ ނިޒާމު އޮޅުން ބޮޅުން ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ދެކޮޅަށް އިތުރު ކައުންސިލްތަކުން ބަޔާން ނެރެ، ބިލް ފާސް ނުކުރަން ގޮވާލައިފި އެވެ.
އއ. ބޮޑުފުޅަދޫ ކައުންސިލު އަދި އެ އަތޮޅު އުކުޅަހު ކައުންސިލުން ވަކި ވަކިން ނެރެފައިވާ ދެ ބަޔާނުގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނު ބަދަލު ކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ރައްޔިތެއްގެ މައްޗަށް އިހުސާންތެރިކަމެއްގެ ކުޑަ މިންވަރެއް ހުރި ނަމަވެސް ގެންނާނެ ބިލެއް ނޫން ކަމަށެވެ.
ރައީސް މުހައްމަދު މުއިއްޒު މާލޭ މޭޔަރަކަށް ހުންނަވައި ދިފާއު ކުރެއްވި ލާމަރުކަޒީ ނިޒާމުގެ އުސޫލުތަކާ ހިލާފު ބިލެއް ހަމަ އެމަނިކުފާނުގެ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން އެވެ.