ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކާ ކެނދިކުޅުދޫ އަދި ފޯކައިދޫ ކައުންސިލުން ވެސް ދެކޮޅު
އަދަދު
5 އޯގަސްޓު 2025 | އަންގާރަ | 8:16
ވިޔަފާރި ކުރުމަށާއި މުވައްޒަފުން ނެގުމަށާއި ތަންތަން ކުއްޔަށް ދިނުމަށް ލޯކަލް ކައުންސިލަށް ގާނޫނުން ލިބިދީފައިވާ ބާރުތައް ހަނި ކުރަން ހުށަހަޅާފައިވާ ބިލާ ދެކޮޅު ކަމަށް ނ. ކެނދިކުޅުދޫ އަދި ށ. ފޯކައިދޫ ކައުންސިލުން ވެސް ބުނެފި އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅު ކަމަށް ކެނދިކުޅުދޫ އަދި ފޯކައިދޫ ހިމަނައިގެން މިހާތަނަށް ހަ ކައުންސިލަކުން ވަނީ ބުނެފަ އެވެ. ބިލާ ދެކޮޅު ކަމަށް ދެން ބުނެފައި ވަނީ، އއ. ބޮޑުފުޅަދޫ އާއި އެ އަތޮޅު މާޅޮހާއި ހދ. ކުޅުދުއްފުށި ސިޓީ އާއި ލ. ގަން ކައުންސިލެވެ.
ކެނދިކުޅުދޫ އަދި ފޯކައިދޫ ކައުންސިލުން ވަކިވަކިން ގެޒެޓު ކުރި ދެ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ގާނޫނުއަސާސީ ހިލާފު ކަމަށެވެ. އަދި ބުނެފައި ވަނީ ސަރުކާރުން މަސައްކަތް ކުރަނީ "ހީލަތްތެރި" ގޮތެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލަން ކަމަށެވެ.