ގިނަ ކަންބޮޑުވުންތަކެއް އޮއްވައި ކައުންސިލްތައް ހުއްޓުވޭ ބިލު މަޖިލީހުން ފާސްކޮށްފި
އަދަދު
6 އޯގަސްޓު 2025 | ބުދަ | 1:32
ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ.
ކޮމިޓީ މަރުހަލާގައި މާ ގިނަ ބަދަލުތަކެއް ނުގެނެސް މި ބިލު ފާސްކުރީ 51 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ އަށް މެންބަރުން ވޯޓު ދެއްވި އެވެ.
މި ބިލު ފާސްނުކޮށް، އަނބުރާ ގެންދިޔުމަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ވަނީ ގޮވާލާފަ އެވެ. އޭގެ ތެރޭގައި ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ވެސް ހިމެނެ އެވެ. އިދިކޮޅު އެމްޑީޕީން ވެސް ވަނީ މި ބިލު ފާސްކުރުމަކީ ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑުވައިލުން ކަމަށް ބުނެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާފަ އެވެ.