އަހަރު ނިމެން ފަސް މަސް ކުރިއަށް އޮއްވާ ސަބްސިޑީ ބަޖެޓު ހުސްވަނީ
އަދަދު
7 އޯގަސްޓު 2025 | ބުރާސްފަތި | 8:56
ސަބްސިޑީ ދޭން މި އަހަރަށް ބަޖެޓު ކުރި 1.8 ބިލިއަން ރުފިޔާގެ ތެރެއިން ބާކީ އޮތީ 58 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކައިފި އެވެ.
ސަބްސިޑީ ބަޖެޓު ހުސްވާން ގާތްވީ، ސަބްސިޑީ ހަރަދުތައް އިތުރުވުމާ ގުޅިގެނެއް ނޫނެވެ. މި ބަޖެޓު ހުސްވާން ގާތްވީ، މި އަހަރުގެ ބަޖެޓުގައި ރޭވި ގޮތަށް ބޭނުންޖެހިފައިވާ މީހުންނަށް ދޭ ގޮތަށް ބަދަލުކުރަން ސަރުކާރުން ބޭނުން ނުވުމުންނެވެ.
މިހާރު ސަބްސިޑީ ނިޒާމު އޮންނަ ގޮތުން، އަސާސީ ކާޑުގެ ބާވަތްތަކަށާއި ފެނާއި ކަރަންޓާއި ނަރުދަމާއަށް ސަރުކާރުން ދޭ ސަބްސިޑީ ދެނީ ސަރުކާރު ކުންފުނިތަކަށެވެ. ނަމަވެސް މި އަހަރު ސަރުކާރުން ރާވަފައި އޮތީ، އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން މި ނިޒާމު ބަދަލުކުރާށެވެ.